މިއަހަރުގެ އަޟްހާ ޢީދަށް ދިއްލުމަށް ކުލަ ބޮކިފަތި ހޯދަން ގިނަ ފަރާތްތަކުން އެދެމުން އަންނަކަމަށް ލޯކަލް ގަވަރމަންޓް އެންޑް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
”ޢީދު އަލި“ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ތެރެއިން ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމަށް މިދިޔަ އަހަރު ފެއްޓެވި ޚާއްޞަ ހަރަކާތެކެވެ. މިހަރަކާތުގެ ފަށުން އެފަދަ މުނާސަބަތުތަކުގައި ދިއްލައިލުމަށް ސަރުކާރުގެ ފަރާތުން މާލެއާއި އަތޮޅުތެތޭގެ ރަށްތަކަށް، އެ ރަށްތަކުގެ ކައުންސިލު މެދުވެރިކޮށް ބޮކިފަތި ހަދިޔާ ކުރެއެވެ.
މިއަހަރުގެ އަޟްޙާ ޢީދަށް ދިއްލުމަށް ގިނަ ކައުންސިލްތަކަކުން އެދެމުން ދިއުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދަށް ދިއްލި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރުންވެސް އެހެން ރަށްރަށުން އެރަށްތައް ދިއްލުމަށް އެދި މިހާރުވެސް ކައުންސިލްތަކުން އެ މިނިސްޓްރީއަށް ގުޅައި، ސިޓީތައް ފޮނުވަމުންދާ ކަމަށެވެ.
އެގޮތުން ރައީސް މުޢިއްޒުގެ ”ޢީދު އަލި“ ހަރަކާތަށް އާންމުންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށާއި، މީގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ޢީދު ލައިޓްގެ މި މަޝްރޫޢަކީ އަސްލު ވަރަށް ޕޮޕިއުލާ، ވަރަށް ރައްޔިތުންގެ މެދުގައި މަޤުބޫލު ވެފައިއޭ މިއޮތީ މި މަޝްރޫޢު. އެހެންވީމަ އެނގިވަޑައިގަންނަވާނެ ބައެއް ފަރާތްތަކުން އޭރު އެކަމަށް ކްރިޓިޓިޒަމް ގެންނަން އުޅުނު ކަމުގައިވިޔަސް އަދިވެސް ވަރަށް ޕޮޕިއުލާ ކަމަކަށޭ މިކަން ވެފަމިއޮތީ. ރައްޔިތުންގެ ޑިމާންޑް އެބައޮތޭ އަސްލު މިކަމަށް.“ މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
ޢީދަށް ދިއްލުމަށް ބޭނުންވާ ލައިޓްތައް ގެންނަނީ ކޮންމެ އަހަރަކުވެސް އެއްފަހަރު ކަމަށާއި އަންނަ އަހަރަށް އިތުރު ރަށްރަށް ދިއްލާލުމަށް ބަޖެޓްކުރާއިރު މިހާރު ލިބެމުންދާ ޑިމާންޑަށް ރިޢާޔަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.




