ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ވަކި ޖިންސަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ދުނިޔޭގެ މުވާސަލާތީ ޚިދުމަތް ދިނުމުގެ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިޠާބުގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން އިޤްތިޞާދާއި، މުޖުތަމަޢު އަދި ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްވެސް ބަދަލުވަމުންދާ ޓެކްނޮލޮޖީއަށް ބަރޯސާވެ ކުރިއަރަމުންދާ ކަމަށެވެ. އަދި މި ބަދަލުވަމުންދާ ޑިޖިޓަލް ޒަމާނުގައި، އިޖްތިމާޢީ ހަމަޖެހުމާއި، ޓެކްނޮލޮޖީގެ ރައްކާތެރި ބޭނުންކުރުމުގެ އިތުރުން ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކުރުން މުހިންމުކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ރާއްޖޭގެ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދު ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެހެންނަމަވެސް، ވަކި ބާވަތުގެ ވަޒީފާ އަދި ޚާއްޞަކޮށް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެން ބޭފުޅުންގެ ދައުރު ނިސްބަތުން މަދުކަމަށެވެ.
”ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަރނެޓް ގުޅުންތައް އަންހެނުންނަށް ދިނުމެއް ނޫން. އޭގެ މާނައަކީ ތަޢުލީމު، ޞިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރިކުރުވުން. އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވޭ ހިނދު، އާއިލާތަކާއި، މުޅި މުޖުތަމަޢުއަށް، އަދި މުޅި އިޤްތިޞާދަށްވެސް ފައިދާ ކުރާނެ.“ މިނިސްޓަރ އަލީ އިހުސާން ވިދާޅުވިއެވެ.
މިއަހަރުގެ މުއާސަލާތީ ދުވަހުގެ ޝިޢާރަކީ ”ޖެންޑަރ އީކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން“ އެވެ.
މި ޝިޔާރާ ގުޅުވައި މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ”ޑިޖިޓަލް ފަސްޓް ނޭޝަން“ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ވަކި ޖިންސަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒުކަމަށެވެ.




