ދައުލަތުގެ ސިޔާސަތުތަކާއި ދަރަނި ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް އުފެއްދުމަށް ފިނޭންސް މިނިސްޓްރީއަށް ކޮންސަލްޓެންޓެއް ހޯދަން އެ މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރި އެ އިއުލާނުގައި ފިނޭންސުން ހުޅުވާލާފައިވަނީ ”ޑެޓް ސްޓެރެޓަޖީ އެންޑް ރިސްކް މެނޭޖުމަންޓް ކޮންސަލްޓެންޓް“ ގެ މަގާމަށް މީހަކު ހޯދުމަށެވެ.
މިއީ ދަރަނި މެނޭޖު ކުރުމުގެ އިތުރުން ދަރަންޏާ ގުޅޭ ގާނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި، ދަރަނީގެ މުއާމަލާތްތައް ސައްހަކޮށް ހިންގުމާއި ސެޓްލްމަންޓާއި ރެކޯޑްކުރުމަށް އެހީތެރިވުމަށްޓަކައި މުހިންމުވެފައިވާ މަގާމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 ގެ ކުރިންނެވެ.
ރާއްޖޭން ނަގާފައިވާ ބޭރު ދަރަނީގެ ބޮޑު އަދަދެއް ދައްކަން ޖެހެނީ މި އަހަރާއި އަންނަ އަހަރުގަ އެވެ. އޭގެ ތެރެއިން އަންނަ އަހަރު އެކަނި 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ.
ދަރަނި މެނޭޖުކުރާނެ ގޮތުގެ ކޮންސަލްޓެންޓެއް ހޯދަން އިއުލާންކުރި އިރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކުން ބޭރު ފައިސާގެ ރިޒާވް ވަނީ ކޮންމެ ވެސް ވަރަކަށް ރަނގަޅު ކުރެވިފަ އެވެ.




