ކުރީ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އައު ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ސަރަހައްދުން ވެސް ވަނީ ގޯތި ދޫކޮށްފަ އެވެ.
އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް މީގެ ކުރިން ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.
ދެވަނަ ފަހަރަށް ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާއިރު، އެ ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވާ ނަމަވެސް އެ ގޯތިތައް ދޫކުރަނީ ކިހާ ހިސާބަކުން ކަމެއް ނޭނގެ އެވެ.
އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ވެސް ހިމެނެ އެވެ. ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް ހިމެނެ އެވެ.



