މަގުމަތީގައި ބަރަހަނާވި މައްސަލައެއްގައި ކުރިން ހައްޔަރުކުރި މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
އެގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނ. ވެލިދޫ / މިރިހިމާގެ ހާމިދް ޢަބްދުﷲ އެވެ.
ކްރިމިނަލް ކޯޓުގެ ގާޟީ މުޙައްމަދު މިޞްބާޙު ވަނީ ޙާމިދުގެ މައްޗަށް 30 ދުވަހުގެ ބަންދު އަމުރެއް އިއްޔެ ނެރެފައެވެ.
އެ ކޯޓުގެ ރިކޯޑުތަކުން ދައްކައި ގޮތުގައި ހާމިދަކީ މީގެ ކުރިން 29 ފަހަރު ބަންދުކޮށްފައިވާ މީހެކެވެ.
ފާއިތުވި އަހަރު ހެންވޭރު ބަސް ސްޓޮޕެއް ކައިރީގައި ޖިންސީ ގުނަވަން ހާމަކުރި މައްސަލައިގައިވެސް އޭނާ ހައްޔަރުކޮށް ބަންދުގައި ބޭއްވި ނަމަވެސް، އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާކޮށް އަދަބެއް ދިންކަން މިހާތަނަށް ސާބިތުވެފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.




