ބަންކަރިންގ ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފި އެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓް ކޮށްފައިވެ އެވެ.
އެސްޓީއޯގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ރޭގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ އިހަވަންދިއްޕޮޅުން ބަންކަރިންގ ޚިދުމަތް ފެށި ނަމަވެސް، މި ވިޔަފާރީގެ އެންމެ ރަނގަޅު ނަތީޖާ ފެންނަމުންދަނީ މާލެ ސަރަހައްދުން ކަމަށެވެ.
އެގޮތުން މިހާތަނަށް އެ ޚިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން ޝިމާދް ފާހަގަ ކުރެއްވި އެވެ.
”ބަންކަރިންގަ އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ކޮލޮމްބޯ ފަދަ ކައިރި ޤައުމުތަކާއި ކޮމްޕީޓުކުރަން ވެެއްޖެއްޔާމު އެތައް ކަމެއް ރަނގަޅުކުރަން ޖެހޭ. އަޅުގަނޑުމެން މިހާރު މިދަނީ މިކަމަށް މަޝްވަރާތައްވެސް ކުރަމުން.“ އެސްޓީއޯގެ ސީއީއޯ ޝިމާދް ވިދާޅުވި އެވެ.
ޝިމާދުގެ ވާހަކައިގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނަކަށް އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދީފައިވާކަން ފާހަގަކުރެއްވި އެވެ. މި ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ވަނީ 1،200 ޓަނުގެ ފެން ފޯރުކޮށްދީފަ އެވެ.


