ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރަން ބާކީ އިނީ ލައްކައެއްކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 833،000 ޓޫރިސްޓުންނެވެ. މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6،700 ޓޫރިސްޓުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގައި ވެސް ކޮންމެ މަހަކު ދެ ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ މަހު ރާއްޖެ އައީ 198،000 ޓޫރިސްޓުންނެވެ.
މި ހިނގާ މެއި މަސް ނިމޭއިރު ރާއްޖެއަށް 170،000 ޓޫރިސްޓުންގެ ޒިޔާރަތް ކޮށްފިނަމަ، އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރާނެއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 70،000 ޓޫރިސްޓުންނެވެ.
ނަމަވެސް މި މަހުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތް ކޮށްފައިވަނީ 5،000 ޓޫރިސްޓުންނެވެ. މިއީ މިއަހަރުގެ އެވްރެޖް އެންމެ ދަށް މަހެވެ. އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް މެއި މަހުން ފެށިގެން އަހަރުގެ ފަހުކޮޅާ ހަމައަށް ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ދަށްވެއެވެ.




