މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަށައިފިއެވެ.
ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނ ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކުރުން 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނާނެ ކަމަށެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ މަސައްކަތްތައް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ވެސް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހި ޙައްޖުވެރިން ވެލާނާ އެއާޕޯޓުން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ފުރިހަމަ ކުރަން ޖެހޭ އިމިގްރޭޝަން ޕްރޮސެސް ފުރިހަމަ ކުރާނެއެވެ. މިއާއެކު ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތުގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ.



