ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިޔަ ބީޗް ފެސްޓްގެ ކުޅިވަރުތަކުގައި ބައިވެރިވެ ވަނަތަކަށް ހޮވުނު ޓީމުތަކަށް އިނާމު ދީފިއެވެ.
”މައިހުޅުމާލެ“ ބީޗް ފެސްޓުގެ އިނާމްދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
މި ފެސްޓްގައި ހިމެނޭ ބީޗް ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވަނީ މެއި 17 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 18:00 އަށް ހުޅުމާލޭ ފުރަތަމަ ފިހަވަހީގެ ބީޗްގައެވެ.
ތިން ކުޅިވަރެއް ހިމެނޭހެން ކުރިއަށްދިޔަ މި ބީޗް ފެސްޓިވަލްގައި ކުޅިވަރުގެ ހަރަކާތްތަކާއި، ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައި ވެއެވެ
މިނިސްޓަރު ރާފިއު ވަނީ ބީޗް ހޭންޑްބޯޅަ، ބީޗް ވޮލީބޯޅަ އަދި ބީޗް ފުޓްބޯޅައިގެ ވަނަތަކަށް ހޮވުނު ޓީމްތަކަށް އިނާމް ހަވާލްކޮށްދެއްވާފައެވެ.
މި ކުޅިވަރުތަކުގެ އިތުރުން ކެނޯ ދުއްވުމާއި، ވާދެމުން އަދި ސަގާފީ ހަރަކާތްތަކެއްވެސް އެ މުބާރާތުގައި ކުރިއަށްދިޔައެވެ.
އެޗުޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ބަޔަކަށް ހަދައި، ސަގާފަތާއި އިޖުތުމާޢީ ކަންކަމުގައި ހަރަކާތްތެރި ބަޔަކަށް ހެދުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.




