އިންޑިއާގެ ހައިދަތްއާބާދުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 8 ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އެންމެ ހަގު ކުއްޖާގެ އުމުރަކީ އެއް އަހަރު ކަމުގައި ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ހައިދަރްއާބާދުގެ އިމާރާތެއްގައި ހިނގި މި ހާދިސާ، ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނި ކަމުގައިވިޔަސް، މި ހާދިސާ މެދުވެރިވީ ޝޯޓް ސާކިޓަކުން ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މި ހާދިސާގައި މަރުވި އާއިލާތަކަށް ތަޢުޒިޔާ ފޮނުވައި، އިންޑިއާ ސަރުކާރުގެ ފަރާތުން އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައެވެ.
އެގޮތުން މަރުވި މީހުންގެ ވާރުތަވެރިންނަށް، ކޮންމެ މީހަކަށް ދެ ލައްކަ ރުޕީސް އަދި ހާދިސާގައި ޒަހަމްވި މީހުންނަށް 50،000 ރުޕީސް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ނުރައްކާތެރި މި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް 11 ފަޔަރ ޓްރަކެއް ބޭނުން ކުރަން ޖެހުނު ކަމަށާއި، ހާލުދެރަވި މީހުން ވަގުތުން ހޮސްޕިޓަލުތަކަށް ގެންދިޔަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޖީ ކިޝަން ރެޑީ ބުނެފައިވަނީ، އަލިފާންގަނޑު ނިއްވާލަން ފަޔަރ ޓްރަކް ދިޔަނަމަވެސް، އެކަމަށް ބޭނުންވާ ރަނގަޅު ސާމާނު ނެތްކަމުގެ މައުލޫމާތު އޭނާއަށް ލިބުނު ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ބޭނުން ކުރެވޭނެ ފެންވަރު ރަނގަޅު ސާމާނު ކުރިއަށް އޮތްތަނުގައި ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭ ކަމުގައިވެސް ރެޑީ ބުނެފައިވެއެވެ.



