އިސްރާއީލުން ފަަލަސްތީނުގެ ނަސްލުނައްތާލުމަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ނޫސްވެރިންގެ އަދަދު 222 އަށް އަރައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ ހުޅަނގު އުތުރުފަރާތަށް އިސްރާއީލުން އިއްޔެ ހަވީރު ދިން ވައިގެ ހަމަލާއެއްގައި ނޫސްވެރިޔާ އަހުމަދު އަންވަރު އަލް ހެލޫ އާއި އޭނާގެ ކޮއްކޮ މުހައްމަދު ވަނީ ޝަހީދުވެފައެވެ.
އަދި ޣައްޒާގެ އުތުރުގައި އޮންނަ ސަފްތާވީ އަވަށުގެ ގެއަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އިއްޔެ ދިން ބޮމުގެ ހަމަލާގައި ފޮޓޯ ޖާނަލިސްޓް އަޒީޒް އަލްހާޖަރާއި އޭނާގެ އަންހެނުންނާއި ދަރިން ޝަހީދުވެފައިވާ ކަމަށް ޕްރެސް ޓީވީން ވަނީ ބުނެފައެވެ.
ހަމައެހެންމެ ޚާން ޔުނިސްގެ އުތުރުގައި އޮންނަ އަލް ކަރަރާ އަވަށުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިޔާ އަބްދުއްރަހްމާން ތައުފީގު އަލް އަބްދުﷲގެ ޝަހީދުވެފައިވާކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އާއިލާއިން ބުނީ މީގެ ދެ ދުވަސް ކުރިން އޭނާ ގެއްލިފައިވާ ކަމަށެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހުގައި ހުންނަ ފަލަސްތީނުގެ ދެ ނޫސްވެރިންކަމަށްވާ ނޫރު ކަންދިލް އާއި ޚާލިދު އަބޫ ސެއިފްގެ ގެޔަށް ދިން ހަމަލާއެއްގައި އެމީހުންގެ ދަރިފުޅާއެކު އެ ދެމަފިރިން ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ޚާން ޔުނިސްގައި ޓެންޓަކަށް ހަމަލާދީ ބޮން ގޮއްވާލި ހާދިސާގައި ފަލަސްތީނުގެ ނޫސްވެރިޔާ އަހްމަދު އަލް ޒިނާތީއާއި އޭނާގެ އަންހެނުން ނޫރު އަލް މަދޫނާއި އެމީހުންގެ ދަރިން ކަމަށްވާ މުހައްމަދު އާއި ޚާލިދު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިޒްރޭލުން ފަށާފައިވާ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ނޫސްވެރިންގެ އަދަދު ވަނީ 222 އަށް އަރާފައެވެ.



