މެޓް އޮފީހުގެ އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް މަޝްރޫއެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިއަދު ބުނީ ”ތައްޔާރު“ ނަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އަވަސް އިންޒާރުގެ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން މުހިންމު މަޝްރޫޢުއެއް ފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހިމް އެވެ.
މި މަޝްރޫޢަކީ ޔޫއެންޑީޕީ މޯލްޑިވްސް އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޓެކްނިކަލް ޤާބިލުކަން އިތުރުކޮށް، މޫސުމާ ގުޅޭ ޑޭޓާ އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށެވެ.
އަދި މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުމާ ގުޅޭ މަޢުލޫމާތު އެއްކުރާ މަރުކަޒުތައް ޤާއިމުކުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެެއެވެ.
”ތައްޔާރު މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު މަޝްރޫޢެއް. މި މަޝްރޫޢުގެ ސަބަބުން އަޅުގަނޑުމެންނަށް މޫސުމާ ގުޅޭ މުހިންމު މަޢުލޫމާތު އަވަހަށް ލިބި، އެކަމަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިގެންދާނެ“ މި ރަސްމިއްޔާތު ފައްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދިމާވެދާނެ ގުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ މަޢުލޫމާތު އަވަހަށް ފޯރުކޮށްދިނުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.



