ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކުން، އެ ރައްޔިތުން ސަލާމަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މުޖުތަމައުއަަށް ގޮވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގައި އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ހަމަލާތަކުގައި އިއްޔެ އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަން ފޮރިން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު އަމަލުތަކެއް ކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
”އިޒްރޭލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޒްރޭލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލަން“ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެ މިނިސްޓްރީން ބުނީ، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށެވެ.



