ރާއްޖެއަށް ތައާރަފުވެފައިވާ ލާމަރުކަޒީ ނިޒާމް ފުރައި ފުރިހަމަވެ ފައްކާ ވެގެން ދާއިރު، އެ ނިޒާމަށް އަންނަން ޖެހޭނެ ކަމަށް ދެކޭ އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކަށް އިގުތިސާދީ ބާރުވެރިކަން ލިބުން ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ލ. އަތޮޅު ކައުންސިލްގެ މި ހިނގާ ދައުރުގެ ހަތަރުވަނަ އަހަރު ނިމުން ފާހަގަކުރުމަށް ރޭގައި ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ވެރިކަން ކުރަން ފެށުނީ 1970 ގެ އަހަރުތަކުގައި ކަމަށެވެ.
އެގޮތުން ގައުމުތަކުގައި މި ނިޒާމު ތައާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ތަރައްގީވަމުން ދިޔަ ގައުމުތަކުގައި މައި ސަރުކާރުގެ ދަށުގައި ހުރިހާ ބާރެއް ހިނގަމުން ދިއުމުން، ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އަދި ފިކުރީ ގޮތުން ރައްޔިތުން އެދޭ ހަލުވި މިނުގައި ތަރައްގީ ވަމުން ނުދިއުމުން، ލާމަރުކަޒީ ނިޒާމަށް ބަދަލުކުރުމަށް އެ ގައުމުތަކުގެ ރައްޔިތުން ބާރުއަޅަން ފެށުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.
”މީގެ ނަތީޖާ މި ގައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށް. މީގެ ސަބަބުން މަދު އިޤުތިޞާދީ ވަސީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫޢުތައް ހިންގަން ފެށުނު. ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ޚިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރުމުގެ ފުރުޞަތު ލިބުނު.މީގެ ސަބަބުން ކޮރޮޕްޝަންނަށް ހުޅުވިގެންދާ ދޮރުތައް މަދުކުރެވުނު. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ޚަރަދު ކުރެވޭގޮތް، ރައްޔިތުންނަށް ގާތުން ފެންނަން ފެށި“ މޭޔަރު އާޒިމް ވިދާޅުވިއެވެ.




