މާލޭގެ ގެއެއްގެ ވެރިމީހާއަށް ބިރުދައްކައި، އޭނާއަށް އަނިޔާކުރި މައްސަލައިގައި ކުރިން ހައްޔަރުކޮަށް ދޫކޮށްލި މީހުންގެ ތެރެއިން އެކަކު ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ.
މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުން ކޯޓުން ދޫކޮށްލާފައިވަނިކޮށް، އޭގެ ތެރެއިން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
އެ މީހާއަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުން، ކްރިމިނަލް ކޯޓުން ދޫކޮށްލީ އެ ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން ދައުލަތުން އެދިފައިވަނިކޮށެވެ. މި ހަތަރު މީހުންވެސް ދޫކޮށްލީ، އެ މީހުންގެ ބަންދު މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރު ކުރުމުން، ގާޒީ އިބްރާހިމް އިހްސާންއެވެ.
އެމީހުންގެ ތެރެއިން ފުލުހުން މިއަދު ހޯދަން އިއުލާނު ކޮށްފައިވަނީ އއ. މާޅޮސް / ރީތިހިޔާ، މުޙައްމަދު އަފްލާޙް (23އ) އެވެ.
ފުލުހުންގެ ވެބްސައިޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަފްލާޙަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އޭނާ ފުލުހަށް ހާޒިރު ކުރެވެނީ މައްސަލައެއްގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ. ހާޒިރުވާން ޖެހެނީ މާފަންނު ޕޮލިސް ސްޓޭޝަނަށް، މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.



