ގިނަ ފީޗަރ ތަކާއެކު މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އައު އެޕްލިކޭޝަން އިފްތިތާހު ކުރަން ތައްޔާރުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީ ގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވީ، އެ ކުންފުނީގެ މި އައު އެޕްލިކޭޝަނާއެކު ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، އެ ކުންފުނި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ސްމާރޓް މީޓަރ 10،000 ފަރާތަކަށް ހަރުކޮށްދީފައިވާ ކަމަށާއި މީގެތެރެއިން 7000 މީޓަރު ބޭނުންކުރަމުން އަންނަކަން މަތީން ފާހަގަކުރެއްވިއެވެ.
އެގޮތުން މަތީން ވިދާޅުވީ، ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނިން އެންމެ އަވަހަށް ކުރާނެ ކަމަކީ އެ ކުންފުނިން ގެންގުޅޭ އެޕް ބަދަލުތަކަކާއެކު އިފްތިތާހްކުރުން ކަމަށެވެ. މިއެޕްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށްއޮތް ދެ ހަފްތާ ތެރޭގައި އިފްތިތާހްކުރެވޭނެ ކަމަށް މަތީން ވިދާޅުވިއެވެ.
”ފެންވެސް ކުރިއަށް އޮތްތަނުގައި ބިލް ޕޭކުރުމާއި އެކީގައި ހަމަ ރިކަނެކްޓް ވެވޭވަރަށް އަޅުގަނޑުމެން ތަރައްޤީކުރާނަން. އެ މަސައްކަތް ފެށިފައި ހުރީ. މިދެންނެވި 10،000 ކަސްޓަމަރުންނަށް މިހާރު ހުރީ ސްމާރޓް މީޓަރ ހަރުކޮށްފައި. ސްމާރޓް މީޓަރުގެ އެފަންގްޝަންތައް އަޅުގަނޑުމެން ބޭނުންކުރަން ފަށާނަން މިދެންނެވި އައު އެޕް ލޯންޗްކުރުމާއި އެކީގައި. އެޕް ލޯންޗްކުރުން ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ކުރިއަށްގެންދާނަން.“ މަތީން ވިދާޅުވިއެވެ.
މީގެއިތުރުން މަތީން ވިދާޅުވީ މިހާރު އަންނަ ޝަކުވާއަކީ ބިލްތައް ވަކިވަކިން ދައްކަންޖެހޭ މައްސަލަކަމަށެވެ. އައު އެޕާއިއެކު ކަސްޓަމަރުންނަށް ގިނަ ބިލްތައް އެއްފަހަރާ ދައްކާލެވި ވަގުތު ސަލާމަތްވާނެ ކަމަށެވެ.


