ވިލިމާލޭގައި އިތުރު ހިތްފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ މި މައިޒާން ތަރައްޤީ ކުރަމުން އަންނަނީ ވިލިމާލެ ފެރީޓާރމިނަލް ކުރިމަތީގައި ކަމަަށެވެ. އަދި މިއީ އެ ކައުންސިލުން ވިލިމާލޭގައި ތަރައްޤީ ކުރާ ދެ ވަނަ ހިތްފަސޭހަ މައިޒާން ކަމަށް ބުނެފައިވެއެވެ.
ވިލިމާލޭގައި އިތުރު ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، ދާދި ފަހުން ކައުންސިލުން ވަނީ މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ.
އެގޮތުން މުޅި ވިލިމާލެ ސާފުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، ވިލިމާލޭގައި ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ ހުސް ބިންތައް ސާފުކުރުމުގެ މަސައްކަތެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގެ ހުސް ބިންތައް ސާފު ކުރުމަށް ފަހު، އެ ކައުންސިލުން ނިންމާފައި ވަނީ، އެ ބިންތަކުގައި، ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް އިންދުމަށް ކަމަށެވެ.
މާލެ ސިޓީއަކީ ހިތް ފަސޭހަތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިހާރުވެސް ވިލިމާލޭގެ އިތުރުން، މާލޭގައި ވެސް ހިތް ފަސޭހަ މައިޒާންތަށް ހެދުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ ހުސް ބިމުގައިޔާއި ކުރީގެ ބައިއިންޖީނުގެ ކުރިމަތިން އޮންނަ ”ގަލޮޅު ސިޓީ“ ޕާކުގައި ހިތް ފަސޭހަ މައިޒާނެއް އަންނަނީ ތައްރައްޤީ ކުރަމުންނެވެ.



