ގދ.ގައްދޫގައި ތަރައްގީކުރަން ނިންމާފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) އަޅަން ނިންމާފައިވާ ސައިޓު ސާފު ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނީ މިއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެއް ކަމަށެވެ.
”ގދ. ގައްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ސައިޓު ސާފު ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި“ އާރްޑީސީން ބުނެފައި ވެއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތުގެ ތެރެއިން މުޅިން އަލަށް 28 ރަށެއްގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މިގޮތުން ހަތް ރަށެއްގެ އެފްއާރުސީގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ޤާއިމްކޮށްދެއްވުމެވެ.



