މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައި މަސައްކަތްކުރާނެ 164 އެސިސްޓެންޓު އޮފިސަރުން ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން އެ މަގާމަށް އެދި ހުށަހެޅޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
އެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް 5،000 ރުފިޔާގެ މުސާރައެއް ލިބޭއިރު، އަސާސީ މުސާރައިގެ 35 އިންސައްތައާއި ސާވިސް އެލަވަންސާއި ކޮއްތު ފައިސާއާއި މިނިމަމް ވޭޖު އެލަވަންސާއި އިތުރު ގަޑީގެ ފައިސާއާއި ބަންދު ފައިސާ ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ކަސްޓަމްސް ސާވިސްގެ އެސިސްޓެންޓު އޮފިސަރުންގެ މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ’ޑީ‘ ފާހެއް ލިބިފައިވުމާއެކު ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން ’ސީ‘ ފާސް ލިބިފައިވުން ހިމެނެއެވެ.
އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ކަސްޓަމްސް އިން ބުނީ މި ވަޒީފާތަކަށް ކަސްޓަމްސްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އެ ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31ވާ ހޮނިހިރު ދުވަހުގެ 14:00 އެވެ.
މީގެ އިތުރުން މި ވަޒީފާއާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަަމަ 3003499 ނުވަތަ 3322001އަށް ގުޅުމަށް ކަސްޓަމްސް އިން ވަނީ އެދިފައެވެ.



