މާލެ ސަރަހައްދުގައި ތަރައްޤީކުރި ފުރަތަމަ ފަސްތަރީގެ ހޮޓެލް ”ބާސެލޯ ނަސަންދުރާ“ ރަސްމީކޮށް ހުޅުވައިފިއެވެ.
ބާސެލޯ ނަސަންދުރާ ހޮޓެލް ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް އެވެ.
އެކަމަށްޓަކައި މިއަދު އެ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިޤް ވިދާޅުވީ މި ހޮޓެލް ހުޅުވުމުން މާލެއަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
އެގޮތުން މި ހޮޓެލް ހުޅުވުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މާލެއަކީ މެހެމާންދާރީ ފުރިހަމަ ރަށެއްގެ ގޮތުގައި ދުނިޔޭގެ ނަޒަރުގައި އިތުރަށް ފާހަގަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިކަމުގެ ސަބަބުން މާލޭގެ އިޤްތިޞާދަށްވެސް ފައިދާތަކެއް ކުރާނެ، މި ހޮޓެލް ހުޅުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުމެއް ލިބިގެންދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
ބާސެލޯ ނަސަންދުރާ ހޮޓެލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓެލެއް ކަމަށާއި، މި ހޮޓެލުގައި ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
ބާސެލޯ ނަސަންދުރާ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



