ކަނޑުދަތުރުފަތުރުގެ ދާއިރާގެ ކޯސްތަކުގެ ފެންވަރު ރަނގަޅުކުރަން އުޞޫލުތައް ހަރުދަނާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ކަނޑުދަތުރުފަތުރުގެ ތަމްރީނުދޭ އަމިއްލަ މަރުކަޒުތަކުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް، މިހާރު ޢަމަލު ކުރަމުންދާ އުޞޫލަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އެފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީން ކަނޑައަޅާފައިވާ އައު އުޞޫލުގެ ދަށުން، ތަމްރީނުދޭ މަރުކަޒުތަކުން ސަމާލުކަންދޭންވީ ކަންތައްތަކަކީ:
– ކޮންމެ ކޯހެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީއިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ހުށަހެޅުން
– ކޯސް ނިމުމުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި ފޮޓޯތައް މިނިސްޓްރީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ހުށަހެޅުން
– ކިޔަވައިދޭ މަރުކަޒުތަކުން ކޯހެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، މިނިސްޓްރީ އިން ކަނޑައަޅާ ވަކި ފޯމެޓެއްގައި ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން
– ކޯހެއްގެ ބެޗެއް ހިންގާނަމަ މިނިސްޓްރީގެ ހުއްދަ ވަކި ވަކި ކޮންމެ ބެޗަކަށް ނެގުން
– ދުވަހުން ދުވަހަށް ކްލާހުގެ ހާޒިރީ އަދި ކްލާސް ކުރިއަށް ގެންދާގޮތުގެ ފޮޓޯ ހުށަހަޅަންވާނެ
މި ބަދަލުތަކުގެ ސަބަބުން، ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަކޮށް ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުވެ، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަމުރީނުގެ ފެންވަރު މަތިވެ، ސަލާމަތާއި ރައްކާތެރިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި އައު އުޞޫލާއި ޚިލާފަށް ކޯސްތައް ހިންގާ މަރުކަޒުތަކާ މެދު ފިޔަވަޅުއަޅައި އެފަދަ މަރުކަޒުތަކުން ހިންގާ ކޯސްތަކަށް މިނިސްޓްރީގެ ހުއްދަ ނުދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އުޞޫލުތަކަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2025 އިން ފެށިގެންނެވެ.



