ހދ. ކުޅުދުއްފުށި ވިޔަފާރި ބަނދަރު ބޮޑުކުރުމާއެކު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
ރިޝްވާން މިހެން ވިދާޅުވީ ކުޅުދުއްފުށީ ޕޯޓް އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތްތަށް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ކުޅުދުއްފުށި ބަނދަރަކީ މިހާރުވެސް ވަރަަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބަނދަރެއްކަން ފާހަގަ ކުރައްވަމުން ރިޝްވާން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެ ލަފައާ އެއްގޮތަށް އެ މަސައްކަތްތައް އިތުރަަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާވާފައިވާ އެއް މަސައްކަތަކީ އެމްޕީއެލްގެ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކްސް އިތުރަަށް ފުޅާކުރުން ކަމުގައި ސީއީއޯ ރިޝްވާން ވިދާޅުވެފައިވެއެވެ. އެއީ މާލެއަށް އަންނަ ކޮންޓެއިނަރުތައް އެ ސަރަހައްދަށް ގެންގޮސްގެން ޑިސްޓްރިބިއުޓް ކުރުން ކަމުގައި ވެސް ރިޝްވާން ވިދާޅުވިއެވެ.
”ހަމަމިއާއެކު އަަޅުގަނޑުމެން ކުރިއަށް ގެންދަން ޑެސްޓިނޭޝަން ބަނދަރަށް މުދާ ހުސްކުރުމުގެ މަސައްކަތްވެސް. އެއީ މާލެއަށް އައުމުގެ ބަދަލުގައި ސީދާ އެ ހިސާބަކަށް ވަސީލަތް ފޯރުކޮށްދިނުމުގެ މަސައްކަތް“ ރިޝްވާން ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ މީގެއިތުރުން ވިދާޅުވީ އެ ސަރަހައްދުތަކުގައި ލޮޖިސްޓިކް ހަރަކާތްތައް އިތުރުކުރުމަށްޓަކައި، ހުރިހާ އެސްއޯއީތަކަށް ބޭނުންވާ ލޮޖިސްޓިކްސް މަސައްކަތްވެސް އެމްޕީއެލް މެދުވެރިކޮށް ފޯރުކޮށްދޭން ރާވާފައިވާ ކަމަށެވެ.



