މިއަދު ހުޅުވި މ. މުލީ އެއާޕޯޓު ވެގެންދާނީ މީމު އަތޮޅުގެ ޓުއަރިޒަމް އިންވެސްޓްމަންޓްތަކަށް ދޮރާއްޓަކަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ މިއަދު ބޭއްވި މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުލި އެއާޕޯޓް އަޅަން ބިން ހިއްކަން ފެށީ 2014 ވަނަ އަހަރު ކަމަށާއި އެކި މަރްހަލާތަށް ކަނޑަތުކުރުމަށް ފަހުގައި 11 އަހަރު ފަހުން މިއަދު އެ އެއާޕޯޓް ރަސްމީކޮށް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން މިއަދަކީ މ. އަތޮޅުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން އުއްމީދު ކުރަމުން އައި ހުވަފެނެއް ހަގީގަތަކަށް ވީ ދުވަސް ކަމަށާއި އެ އެއާޕޯޓް ހުޅުވިގެން ގޮސްފައި ވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކެތްމަދުވެފައި ހުރި ވެރިއެއްގެ ބުރަ މަސައްކަތުން ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި މުލީ އެއާޕޯޓުގެ މަސައްކަތް ނިމުނުއިރު މުޅި ޕްރޮޖެކްޓަށް ވަނީ 540 މިލިއަން ރުފިޔާ ޚަރަދުވެފައި ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
ހަމައެހެންމެ މުލީ އެއާޕޯޓާއެކު މީމު އަތޮޅުގެ ޓޫރިޒަމް ކުރިއަރައިގެން ދާނެ ކަމަށާއި މިއީ ޓޫރިޒަމްގެ އެތައް އިންވެސްޓްމަންޓަކަށް ހުޅުވައިދިން ދޮރާށްޓެއް ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން ކުރި އިންވެސްޓްމެންޓް ބަލައިގަނެ މީމު އަތޮޅަށް ތަރައްގީ ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން މިނިސްޓަރު މުއްޠަލިބު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އަބާދީ އެއްފަސްކުރުމުގެ ނަމުގައި އަތޮޅު ދޫކޮށް ނުދިއުމަށް އެ އަތޮޅުގެ ރައްޔިތުންގެ ކިބައިން މިނިސްޓަރު މުއްޠަލިބު ވަނީ އެދިވަޑައިގެންފައެވެ.



