މ. މުލީގައި ތަރައްގީ ކުރާ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ފެށުމަށް މުލީގައި މިއަދު މެންދުރު ފަހު މުލީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު ސަރުކާރުން ވަނީ މުލީ ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 33250 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ފަންގިފިލާގެ 50 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރާނެ ކަމަށެވެ.
މިއީ ދަޢުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެކެވެ.



