މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރަން މާލެ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި އެ މިނިސްޓްރީއާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މޭޔަރުު އާދަމް ޢާޒިމް އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝްއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް ވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލޭގެ މަގުތަކުގައި ދިމާވަމުންދާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެ މިނިސްޓްރީން ކުރިއަށްގެންދާ ދިރާސާއާ ގުޅޭގޮތުން ކަމަށެވެ.
”މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް، އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލޭގެ ޓްރެފިކް މެނޭޖްމަންޓް ހަރުދަނާކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނަން“ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޝާން ވިދާޅުވިއެވެ.
ހަމައެހެންމެ މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ނިޝާން ވިދާޅުވިއެވެ.
މީގެ އިތުރުން އެ ދިރާސާގެ ނަތީޖާ ލިބުމުން، އެ ނަތީޖާއަށް ބިނާކޮށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި އެހެނިހެން ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައި ވެއެވެ.


