ހދ. ކޭލަކުނާއި ށ. ފަރުކޮޅުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ހަވާލުކޮށްފިއެވެ.
އެގޮތުން ހދ.ކޭލަކުނު އަދި ށ.ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ގާއިމުކުރުމުގެ މަޝްރޫޢު ތަންފީޛުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި އެމް.ޓީ.ޑީ.ސީއާ ދެމެދު މިއަދު ވަނީ ސޮއި ކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ = މި މަޝްރޫޢުގެ ދަށުން މި ދެ ސަރަހައްދުގައި ނޭޗަރ ޕާކުގެ މަސައްކަތްކުރުމަށް ހަމަޖެހިފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޓެކްނިކަލް ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން 4 މަރުހަލާއަކަށް ބަހާލައިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކް ޤާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތެކެވެ.




