ތެލެސީމިއާ ކުދިންނަށް ދެމުންއަންނަ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާއި ސައިޕްރަސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
ހެލްތު މިނިިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ލިބިގެންދާނީ ދިވެހިރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
”ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި، މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތްދޭނެ“ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަންދޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު މައިކަލް ދަމްޔަނޮސް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ނާޘިމް ވާހަކަފުޅު ދައްކަވަމުން، މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެޅުނު ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.
އަދި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 18 އިންސައްތަ މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާކަމާއި ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ބައިނަލްޢަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޤަމެއްގެ ފަރާތުން ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ޞިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި މިނިސްޓަރ ނާޡިމް ފާހަގަ ކޮށްފައިވެއެވެ.



