ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޅ. ނައިފަރުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ރޭގައި ފޮނުވައިފިއެވެ.
އާރްޑީސީން ރޭގައި ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގެރާމްގެ ދަށުން ނައިފަރުގެ މަގު ހެދުމުގެ މަޝްރޫއުއާއި، ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރާ އިމާރާތް އަދި ވޭސްޓް އެންޑް ރިސޯސް މެނޭޖްކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އަދި ވެހިކަލް އެރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނައިފަރުގައި އާރްޑީސީން ފަށާފައިވާ މަޝްރޫއުތަކާ ގުޅޭ މަޝްވަރާ ކުރެއްވުމަށް، ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު ޔާސީން އަބްދުﷲ އާއި އެ ރަށު ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ކައުންސިލު މެންބަރުން، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ގެނެރަލް (ރޓ) އަލީ ޒުހައިރު އަދި އިސް ފަރާތްތަކާއި މި މަހުގެ 7 ވަނަ ދުވަހު ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި އާރްޑީސީން ނައިފަރުގައި ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.



