ޤާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ”ޖެނެރޭޝަނަލް ބޭން“ ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޖެނެރޭޝަނަލް ބޭންއާއެކު ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް އެކަމުން ދުރުހެލިވުމަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް މުޅި ރާއްޖެއަށް ފުޅާކުރުމަކީ އަމާޒެއްކަމަށެވެ.
އެގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް އެތައް ގުނައެއް އިތުރުކުރެވިގެންދާނެ ކަމަށާއި ސިޓީތަކުގައި ޚާއްސަކޮށް ވަރަށް ފުޅާދާއިރާއެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށްދޭ ފަރުވާގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫން ކަމަށެވެ.
ނަމަވެސް އޭގެ ބޭނުމަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ޚަރުދަނާ މުޖުތަމައެއް ބިނާކުރުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދުންފަތަކީ އޭގެ ސަބަބުން ސިއްޙީ އެތައް މައްސަލަތަކެއް ދިމާވެ ގިނަ ބަލިތަކަކަށް މަގުފަހިކުރާ އެއްޗެއްކަން ފާހަަގަކުރައްވާ ރައީސް ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލުތަކެއް ހޯދައިދިނުން ކަމަށާއި މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ ޤައުމުގެ މުސްތަޤްބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމަށެވެ.
ހަމައެހެންމެ މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދުށުމަށް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވި ޖެނެރޭޝަނަލް ބޭންގެ ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.




