މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސާވާތަކެއް ކުއްލިއަކަށް މައްސަލަ ޖެހުމާއެކު ސުވާލު އުފެދޭ ކަންތައްތަކެއް އެކަމުގައި ހުރުމުން، އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހްމަދު ފަޒީލް އިއްޔެ ސަސްޕެންޑު ކޮށްފިއެވެ.
ބްރޯޑްކޮމްގެ ސާވާތަކެއްގެ މައްސަލަ ޖެހިގެން އިއްޔެ އެ ކޮމިޝަނުން ވަނީ ފުލުހުންގެ އެހީ ވެސް ހޯދައިފައެވެ.
ފުލުހުން ބުނީ ބްރޯޑްކޮމުން އެދިގެން، އެ މައްސަލަ ހައްލުކޮށްދޭން ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓީމެއް ކޮމިޝަނަށް ވަން ކަމަށާއި އެތަނަށް ވަނީ އެއްވެސް މައްސަަލައެއްގެ ތަހުގީގަށް ނޫން ކަމަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ތަހުލީލު ހެދުމަށްފަހު، ސުވާލު އުފެދޭ ކަންތައްތަކެއް ވަނީ އެ ތަހުލީލުން ފެންމަތިވެފައެވެ. އެއަށްފަހު ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވަނީ މިއަދުން ފެށިގެން ހަތް ދުވަސް ވަންދެން ސަސްޕެންޑު ކޮށްފައެވެ.
ކުއްލިއަކަށް ބްރޯޑްކޮމްގެ ސާވާ މައްސަލަ ޖެހުނުއިރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަނެެއް ހުށަހަޅާފައެވެ.




