ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ދެ ކާރެއްގެ ފަހަތުގައި ސައިކަލުތަކެއް ޖެހި ދެ އެކްސިޑެންޓެއް ރޭގައި ހިނގައިފިއެވެ.
ރޭގައި ހިނގި މި ދެ އެކްސިޑެންޓުގެ ސަބަބުން ބްރިޖު ސަރަހައްދުގައި ވަނީ ވެހިކަލްތައް ތޮއްޖެހި، އެ ސަރަހައްދުން އެވަގުތު ދަތުރު ކުރި ފަރާތްތަކަށް ދަތިތަކަކާ ކުރިމަތިވެސް ވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ބްރިޖުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ރޭ 9:48 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓު ހިނގީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި، ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮތް ކާރެއްގައި އެ ދެ ސައިކަލު ޖެހިގެން ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ މީހަކަށް ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
މި އެކްސިޑެންޓު ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ވެސް ފުލުހުން ފާހަގަ ކުރެއްވިއެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑުން ބިންދައިގެން ގޮސް އިތުރު އަނިޔާތަަކެއް ވެސް ވަނީ ވެފައެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުތަކުގައި އަނިޔާވީ ތިން މީހުންނަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.




