މާދަމާ ފެށޭ ”މޯލްޑިވްސް އެކްސްޕޯ 2025“ ގައި ސްޓެލްކޯ އިންވެސް ބައިވެެރިވާނެކަން އެ ކުންފުނިން ހާމަ ކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ އޮންނާނީ މާދަމާއިން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށެވެ.
އެކްސްޕޯ ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
މި އެކްސްޕޯ ގައި ސްޓެލްކޯއިން ފާއިތުވީ 75 އަހަރު ދުވަހު ދީފައިވާ ހިދުމަތްތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ދިނުމަށާއި އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ބޭނުން ކުރުމާ ގުޅޭގޮތުން ވެސް މުހިންމު މައުލޫމާތުތަކެއް ދިނުމާއި އެނޫންވެސް އެތައް ކަމެއް ދައްކައިލުމަށާއި ސްޓެލްކޯގެ ފަރާތުން ބައެއް މުދާ ވިއްކުމަށް ވެސް ހަމަޖެހިފައިވެއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު، ނުވަތަ މޯލްޑިވްސް އެކްސްޕޯއަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްސަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިކޮނޮމިން މިނިސްޓްރީގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ. މި މައުރަޒުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އެވެ.



