ސްކޭމްތަކުގައި ގެއްލުނު ފައިސާގެ އަދަދު 400،000 އަށްވުރެ ގިނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މި މަހުގެ 13 އިން 19 މެއި 2025 އާ ދެމެދު ޖުމްލަ 45 ސްކޭމް މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.
އެގޮތުން މި މައްސަލަތަކުގައި ޖުމްލަ 481,520.67 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 383,610.08 ރުފިޔާ (80%) އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުންނަށް ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްތައް ކަމަށާއި މިފަދަ 26 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިގޮތުން އޭގެތެރެއިން 20 މައްސަލައެއްގައި ބޭނުންކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެހެނިހެން ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ 10 މައްސަލަ، ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްގެ 5 މައްސަލަ، އަދި އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ޕްލެޓްފޯމްތަކުގެ ތެރޭގައި ވައިބަރ 9 މައްސަލަ، ފޯނު ކޯލް 6 މައްސަލަ، އައިބޭ، މެސެންޖަރ، ޓެލެގްރާމް އަދި އިންސްޓަގްރާމް ހިމެނޭ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި މައްސަލަތަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ބުނީ، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ހަމައެހެންމެ ހިތުގައި ޝައްކު އުފެދޭނަމަ، އެކަމެއް ޔަގީންކުރުމަށްފަހު ނޫނީ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްްކޮށްފައެވެ.
މީގެ އިތުރުން، ސްކޭމްތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށާއިި މިފަދަ މައްސަލަތައް ވަގުތުން އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.




