މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭތީ، އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން، ދިވެހި ފުލުހުން ނިންމައިފިއެވެ.
ފުރާޅު މައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، ޔުމްނު އަށް ފުރަތަމަ ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރަށް ލައިގެންނެވެ. ސަރުކާރާއި އެހެން ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ފުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދިވެހި ދެ ފުލުހުން މެލޭޝިއާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއެކު އެންމެ ފަހުން އުޅުނުކަމަށް ބެލެވޭ، ގ.އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް، ގާތްގަނޑަކަށް މަހެއް ވަންދެން ފުލުހުންގެ ބަންދުގައި ބެއިންދުމަށްފަހު، މިއަދު ވަނީ ބަންދުން ދޫކޮށްލައިފައެވެ.




