މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙު ކުރުމުގެ ތާރީޚީ ޖަލްސާއަށް ސައޫދީ އަރަބިއްޔާއިން ވަޑައިގަންނަވާ ވަފުދުތައް މިއަދު ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައޫދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާ އިމިގްރޭޝަނުން މަތީ ފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން މި ވަފުދުގެ އިސްކޮށް ވަޑައިގަންވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
އަދި އެ މަނިކުފާނަކީ ވަޒީރު ފެންވަރުގެ ބޭފުޅެއްކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙު ކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކޮށް ދެއްވާނީ ރައީސުލްމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސައޫދީ ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހައި ޝަރުޠަކުން ރާއްޖެ އިސްތިސްތިސްނާކޮށް ޚާއްޞަކަން ދެވިގެން ކަމަށެވެ.
މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހާށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ އެވެ.
މީގެ އިތުރުން މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެ ކަމަށާއި ލަގެޖް ވެސް ލިބޭނީ ހޮޓަލަށް ކަމަށާއި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.



