އެމްޑަބްލިޔުއެސްސީން ބ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ ކުންފުނިން މިަދު ބުނީ ކެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފައިވާ ކަމަށެވެ.
ކެންދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައިނެޓްވޯރކް އަޅައި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި ރިޖެކްޓް ލައިންވެސް އަޅާފައިވާ ކަމަށާއި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައި ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
އަދި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިންގ ލައިން އަޅައި، ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓް ފޯލް އަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެދަށުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީ ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެއެވެ.
ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެ ކުންފުނީގެ ބޭފުޅުން އެ ރަށަށް ވަޑައިގެން ކަމަށެވެ.
ބ.ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 56.26 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.



