ރާއްޖެއިން މި އަހަރު ހައްޖަށްދާ މީހުންނަށް ޚާއްސަކޮށްގެން ސައުދީގެ ހޮސްޕިޓަލަކާއި ގުޅިގެން ޚާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.
މިއީ، ދިވެހި ހައްޖުވެރިންނަށް ހާއްސަކޮށް މައްކާގައި ހުޅުވި ފުރަތަމަ ކްލިނިކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދެއްވާފައި ކަމަށެވެ.
އެގޮތުން ދިވެހި ޙާޖީންނަަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެން ދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށް މިނިސްޓަރު ޑރ.ޝަހީމް ވިދާޅުވެފައި ވެއެވެ.
”ހައްޖު ކޯޕަރޭޝަނުން ވަނީ ޞިއްޙީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ޤާއިމުކޮށްފައި، ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ހުންނާނީ ޤާއިމުވެފައި“ މިނިސްޓަރު ވިދާޅުވިއެވެ.
މިއީ މިގޮތައް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން ރަސްމީކޮށް ހައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކޮށް ފަސޭހަކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަމުން ގެންދަވާ ކަމެކެވެ.




