އައްޑޫ ސިޓީ ހޯދި ކާމިޔާބީއަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ހުރި ޝައުޤުވެރިކަމުގެ ހެއްކެއް ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ.މާރިޔަމް މާރިޔާ ވިދާޅުވެެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2025ގައި ބައިވެރިވެ، ދަނޑުވެރިކަމުގެ ދާއިރާއިން، އައްޑޫ ސިޓީކައުންސިލް އެއްވަނަ ހޯދާފައިވާތީ އެކަމަށް އިޝާރާތްކޮށެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އެ އެކްސްޕޯގައި ބައިވެރިވެ އައްޑޫ ސިޓީކައުންސިލް ހޯދި ފުރިހަމަ ކާމިޔާބީއަކީ، ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެ ސިޓީގެ ރައްޔިތުންގެ ހިތުގައި އޮތް، ލޯތްބާއި، ޝަޢުގުގެ ދިރިހުރި ހެއްކެއް ކަމަށެވެ.
ހަމައެހެންމެ މިއީ ޤައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ރަމްޒީ ނަމޫނާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މި ޝަރަފުވެރި ނަތީޖާއަކީ އައްޑޫސީޓީ ކައުންސިލްގެ މެންބަރުންނާއި، ޚާއްސަކޮށް އ.ތ.މ. ކޮމެޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތާއި، އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން ދަނޑުވެރިކަމަށް ދެއްވަވާ ޝައުޤުވެރިކަމާއި، މި މުހިންމު ސިނާޢަތް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދިރުންހުރި ހެއްކެއްކަން ކަށަވަރު“ މިނިސްޓަރު ޑރ. މާރިޔާ ވިދާޅުވިއެވެ.
މޯލްޑިވްސް އެކްސްޕޯ 2025ގެ ބައިވެރިންގެ ތެރެއިން ވަނަތައް ހާސިލް ކުރެއްވި ބައިވެރިންނަށް އިނާމް ދިނުމުގެ ހަފްލާ ރޭ ވަނީ ބާއްވާފައެވެ.
ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވައި، އިޤްތިޞާދުގެ މައިގަނޑު ބާރަކަށް ދަނޑުވެރިކަން ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.



