މާލެއިން 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ޓެކްސީއަކުން ހައްޔަރުކުރި، އާހިޔާ ހއ. ތުރާކުނު / މަރިޔަމް ޒީނާ (23އ.)، އެ މައްސަލައިގެ ތަހުގީގަށް އޭނާގެ ފޯނު ހުޅުވަން އޭނާ ހުރަސް އަޅައިފިއެވެ.
ޒީނާގެ އަތުން ފެނުނު ކަމަށް ތުހުމަތުކުރެވުނު މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުމެއް ހުރި އެއްޗެހިތަކެއް ކަމަށް ޒީނާ ކުރިން ވަނީ އިންކާރު ކޮށްފައެވެ.
މި މައްސަލައިގައި ޒީނާ ހައްޔަރު ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެގޮތުން އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1ގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވެއެވެ.
އެދުވަހުން ފެށިގެން ޒީނާ ބަންދު ކޮށްފައި ހުރުމަށްފަހު، އޭނާގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ ޕީޖީއަށް ފޮނުވާފައެވެ. ޒީނާގެ ބަންދަށް އެންމެ ފަހުން 20 ދުވަސް ޖަހާފައިވާއިރު، އެ ބަންދު އަމުރުގައި ބުނެފައިވަނީ، ތަހުގީގަށް އޭނާގެ ފޯނު ހުޅުވުމަށް ފުލުހުންނަށް އޭނާ ދީފައިވާ ފޯނު ލޮކް ކޯޑުން އެ ފޯނު ނުހުޅުވޭ ކަމަށެވެ.
މީގެ އިތުރުން ޒީނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އޭނާގެ އަތުން ކާރުގެ ސީޓް މައްޗަށް ވައްޓާލި މަންޒަރު ފުލުހުންނަށްވަނީ ފެނިފައެވެ.



