ށ. ފޯކައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް މިއަދު ފަށައިފިއެވެ.
ފޯކައިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފޯކައިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން މިނިސްޓަރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ފައިސާ ނެންގެވުމަށް ބޭނުންކުރެއްވި ކާޑު މިނިސްޓަރު ވަނީ ކައުންސިލާ ހަވާލުކުރައްވާފައެވެ.
އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އޭޓީއެމްގެ ޚިދުމަތްތައް ވަރަށް ހަލުވިކޮށް ރަށްރަށުގައި ޤާއިމުކުރެވެނީ ބީއެމްއެލްއިން ލިބޭ ފުރިހަމަ އެއްބާރުލުމާއެކީގައި ކަމަށެވެ. އަދި މި ޚިދުމަތް ޤާއިމުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ކައުންސިލްތަކުން ދޭ އެއްބާރުލުންވެސް ފާހަގަ ކުރެއްވިއެވެ.
ބޭންކުން ފައިސާ ނެގުމާއި ޖަމާކުރުމަށް މީގެ ކުރިން އެހެން ރަށަކަށް ދަތުރެއްކުރަންޖެހުމަކީ ރައްޔިތުންނަށް ދިމާވާ ބޮޑު ތަކުލީފެއް ކަމަށާއި އެކަމަށް ހައްލެއް ހޯއްދަވާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައި މިވަނީ ވަރަށް މުހިންމު މަޝްރޫޢެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފޯކައިދޫގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.
ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، އިއްޔެ ވަނީ އޭގެ ތެރެއިން 5 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައެވެ. މި ބުރު ނިމޭއިރު، މި އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވޭނެއެވެ.



