ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލްގެ މަސައްކަތްތައް އަންނަ ޖުލައިމަހުގެ ނިޔަލަށް ނިންމާ، ޚިދުމަތްދޭން މަސައްކަތް ކުރަމުންދާ ކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުއަކީ ވަރަށް ގިނަ އިތުރު ބައިތައް ހިމެނޭ މަސައްކަތަކަށްވާތީ، މުޅި މަޝްރޫޢުގެ މަސައްކަތް ނިންމޭނެކަމަށް ލަފާކޮށްފައިވަނީ މި އަހަރުގެ ނިޔަލަށެވެ.
ހަނިމާދޫ އެއާޕޯޓު މަޝްރޫޢުއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މުބީން ވިދާޅުވީ، މުޅި މަޝްރޫޢުގެ %83 މަސައްކަތް މިހާރު ނިމިފަވާކަމަށެވެ.
އެގޮތުން މުބީން ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތްތައް އަވަސްކުރުމަށް 24 ގަޑިއިރު މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި 800 އަށްވުރެ ގިނަ މުވައްޒަފުން އެއަރޕޯޓްގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި މުޅި މަޝްރޫޢުގައި މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމުގައިވެސް މުބީން ވިދާޅުވިއެވެ.
އަޅުގަނޑުމެއް މަސައްކަތް ކުރަމުން ދަނީ ޖުލައިމަހުގެ ނިޔަލަށް އެއަރޕޯޓްގެ މަސައްކަތްތައް ޚިދުމަތް ދެވޭ މިންވަރަށް ނިންމުމަށް. މިއީ ވަރަށް ބައިވަރު ބައިތައް ހިމެނޭ މަޝްރޫޢުއަކަށްވާތީ، މަޝްރޫޢުގެ ހުރިހާ މަސައްކަތްތައް ނިމޭނެކަމަށް އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށް“ ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.



