މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުގައި، ވަޒީފާއަށް އެދި ކުރިމަތިލާ މީހުންގެ ކިޔުއިން ގަލޮޅު ސްކޫލް މަގު ފުރާލައިފިއެވެ.
މި އިންޓަވިއު އަކީ އިމިގްރޭޝަނަށް 50 މުވައްޒަފުން ހޯދުމަށް ކުރިއަށްގެންދާ އިންޓަވިއު އެކެވެ.
ވޯކް-އިން އިންޓަވިއުއަކީ ކުރިއާލާ ފޯމު ނުވަތަ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއެއް ހުށަހެޅުމެއް ނެތި، ވަޒީފާ ދޭ ފަރާތުން އިއުލާނު ކޮށްފައިވާ ދުވަހަކާ ގަޑިއަކަށް ހާޒިރުވެ، ވަގުތުން ނެގޭ ވަޒީފާގެ އިންޓަވިއުއެވެ.
އިމިގްރޭޝަނުން 50 އޮފިސާ ޓްރެއިނީސް ހޯދަން އިންޓަވިއުތައް ބާއްވާނެކަން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ. އަދި އެ އިންޓަވިއުތައް މިއަދު ކުރިއަށްގެންދާނެކަން އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެގޮތުން މިއަދު ހެނދުނު 9:00 ގައި އެ އިންޓަވިއު ފަށާފައިވާއިރު، އެ މަގުގެ ދުވާރު މަތީގައި އިށީންދެގެން ވެސް ގިނަ ބަޔަކު ކިޔުގައި އެބަތިއްބެވެ. މި އިންޓަވިޔު ކުރިއަށްދާނީ މިއަދު ހަވީރު 5:00 އާ ހަމައަށެވެ.
އެ އިންޓަވިއުގެ އެންމެ ފުރަތަމަ މަރުހަލާގައި ޝަރުތު ހަމަވާ މީހުން ދެނެގަނެއެވެ. އަދި ޝަރުތު ހަމަވާ މީހުންނަށް ޓޯކެއް ނަންބަރެއް ދޭއިރު، އެ ނަންބަރު ގަލޮޅު ސްކޫލުންނާއި އިމިގްރޭޝަންގެ ވެބްސައިޓުން ވެސް ފެންނަން ހުންނާނެއެވެ.
އިމިގްރޭޝަނުން ހުޅުވާލާފައިވާ 50 އޮފިސަރުންގެ ވަޒީފާގެ ޝަރުތުތަކަކީ ސާނަވީ (ސެކަންޑަރީ) ނުވަތަ އެއާ އެއްވަރުގެ އިމްތިހާނަކުން ދެ މާއްދާއިން މަދުވެގެން ”ޑީ“ ގްރޭޑް ހާސިލްކޮށްފައިވުމާއި ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓަކުން މަދުވެގެން ދިވެހި ބަހުން ”ސީ“ ގްރޭޑެއް ހާސިލް ކޮށްފައިވުމެވެ. ނުވަތަ އެމްއެންކިޔުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމެވެ. އަދި އުމުރުން 40 އަހަރުން ދަށުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.



