ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.
ޝަމީމަށް ހަމަލާދީފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ ގޭ ދޮރުމަތިންނެވެ.
މި މައްސަލައިގައި ހަތް މީހަކު ހައްޔަރު ކުރި އިރު، އެ އެންމެންގެ މައްޗަށް ވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.
އެގޮތުން މި މައްސަލައިގައި ކުރިން ހައްޔަރުކޮށް ދައުވާ ކޮށްފައިވަނީ:
° މިދުހަތު އާދަމް، 24، ރިވެލި/ރ. އަލިފުށި
° މުހައްމަދު ޖަޒްލާން، 22، ތުނޑި ޖަވާހިރުވިލާ/ލ. ގަން
° އަހްމަދު މައިސާން ހާޝިމް، 20، މާލޭ ދަފްތަރު ނަންބަރު 2247
° ޝަމާލް ހުސެން، 21، މުސްތަރީގެ/ތ. ގާދިއްފުށި
° ޒަޔާން ނާސިރު، 23، ކެމީހިޔާ/އދ. މާމިގިލި
° ރަޖުވާން ލަތީފް، 22، މުރިނގު/ލ. މާމެންދޫ
° އަބާން އަބްދުލްހައްނާން، 23، ރުވާ/ތ. ދިޔަމިގިލި
މި ހަތް މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ އޭޕްރިލް މަހު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށާއި މި ފެށޭ ހަފްތާގައި މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.



