ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށް، ރޭ އިފްތިތާހުކުރި ”މޯލްޑިވްސް އެކްސްޕޯ 2025“ ގައި ގައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފިއެވެ.
މި އެކްސްޕޯގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ ހުނަރާއި މަސައްކަތްތައް ދައްކާލައިފާ ވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްެރިސްކޯ) މެދުވެރިކޮށް ކަމުގައި ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.
އެގޮތުން މި އެކްސްޕޯގައި ކަރެކްޝަންސްއިން ވަނީ 21 ގައިދީންގެ 16 އައިޓަމް އާއި ހަތަރު އޮފިސަރުންގެ ހަތަރު އައިޓަމް ބައިވެރިކޮށްފައެވެ.
ކަރެކްޝަންސްއިން ބުނި ގޮތުގައި، މި އެކްސްޕޯގައި ގައިދީންގެ އައިޓަމްތައް ބައިވެރިކުރުމުގެ މަގްސަދަކީ ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖްތަމަޢުއަށް ދައްކާލުމަށް ފުރުސަތު ހޯދައިދިނުމާއި ރިހެބިލިޓޭޝަން ޕްެރޮގްރާމްތަކުގެ ތެރެއިން އެފާރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމުގައެވެ.

މޯލްޑިވްސް އެކްސްޕޯ 2025 ގައި ކަރެކްޝަންސްގެ ފަރާތުން ތިން ގައިދީއަކު ވަނީ އެތަނުގައި ބައިވެރިވެފައެވެ. އަދި އެކްސްޕޯ ކުރިއަށް ދާއިރު އިތުރު ގައިދީންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.




