ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމަށްވާ ”އެކްސް“ މިރޭ ޑައުންވެއްޖެއެވެ.
މީގެ ކުރިން ”ޓްވިޓަރ“ ގެ ނަމުން މަޝްހޫރުވެފައިވާ ”އެކްސް“ އަކީ ދުނިޔޭގެ އިސްވެރިންނާއި ލީޑަރުން ފެށިގެން އާންމު ރައްޔިތުންނާ ހަމައަށް ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެކެވެ. އެގޮތުން މި އެޕްލިކޭޝަން ބޭނުންކުރާ ރައްޔިތުންގެ އަދަދު އެތައް މިލިއަނަކަށް އެކި ޤައުމުތަކުން އަރައެވެ.
ރަސްމީ އެކިއެކި އިއުލާނުތަކާއި ބަޔާންތައް ވެސް ނެރުމަށް މިހާރު ބޭނުން ކުރަމުން އަންނަ ”އެކްސް“ ޑައުންވުމުން ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ބޮޑެތި ޤައުމުތަކުގައި ވެސް މި އެޕްލިކޭޝަން ޑައުންވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން ”އެކްސް“ ބޭނުން ނުކުރެވިގެން މިހާތަނަށް އިނގިރޭސިވިލާތުން މިއަދު 11،000 އަށްވުރެ ގިނަ މީހުން ރިޕޯޓު ކޮށްފައިވާއިރު އެމެރިކާއިން 25،000 އަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓުކޮށްފައެވެ
ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކަކަށް އިއްޔެ މިފަދަ މައްސަލަ ދިމާވެފައިވާއިރު، މިއަދު އެކްސް ވެސް މިފަދައިން ބޭނުން ނުކުރެވުން ވެފައިވަނީ ”އެކްސް“ ގެ މިހާރުގެ ވެރިފަރާތް ކަމަށްވާ އެލޮން މަސްކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެދާނެ ކަމަކަށެވެ.
”އެކްސް“ ގެ ހިދުމަތްތަކަށް ބުރޫއަރާފައިމިވަނީ، އެމެރިކާގެ އޮރެގޮންގެ ހިލްސްބޮރޯ ޓެކްނޮލޮޖީ ޕާކުގައި ހުންނަ ޑޭޓާ ސެންޓަރެއްގައި، މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.



