ލޯކަލް ކައުންސިލު އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން ޚާއްސަ އިންޓަވިއު އެއްގައި އީސީގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށާއި އެ އިންތިހާބު ބޭއްވުމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.
”ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން. އަދި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުން.“ އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޒާހިދު ވިދާޅުވީ، ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންދާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން، އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގައި ދަތިތަކެއް ހުރިކަން ވެސް ޒާހިދު ފާހަގަ ކުރެއްވިއެވެ.



