ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ބަނޑުހައި ހޫނުކަމުގައި ޣައްޒާގެ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
ބަނޑުހައި ހޫނުކަމުގައި ހާލު ދެރަވެގެން މަރުވެފައިވަނީ މުޙައްމަދު ޔާސީން ނަމަކަށް ކިޔައި ކުއްޖެކެވެ.
ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުން ހުއްޓުވާފައިވުމުގެ ސަބަބުން 70،000 އަަށްވުރެ ގިނަ ކުޑަ ކުދިންގެ ބަލިހާލަތު ދެރަވެ، ނުރައްކާ ހާލަތަކަށް އެކުދިން ވެއްޓިފައިވާ ކަމަށެވެ.
ޣައްޒާގެ މައުސޫމް ތުއްތު ކުދިން މެރުން އިޒްރޭލަށް މުނިފޫހިފިލުވުމުގެ ކުޅިވަރެއް ކަމަށްވެފައިވާ ކަމަށް ޚާން ޔޫނިސްގައި ތިބި ޣައްޒާގެ އޮފިޝަލުން ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި އެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ސާމާނު ފޯރުކޮށްދިނުނަށް ހުއްޓުމެއްނެތި އިޒްރޭލަށް ގޮވާލަމުންނެވެ.
ނަމަވެސް މިހާތަނަށް އިޒްރޭލުން ހުއްދަ ދީފައިވަނީ އެންމެ 100 ފުޑް ޓްރަކް ޣައްޒާއަށް ވަނުނަށެވެ. މިއީ ފަލަސްތީނުގެ އެ ރައްޔިތުންނަށް މިހާރު ކާބޯތަކެތި ބޭނުންވާ އަދަދާ އަޅާބަލާއިރު ވަރަށް ވެސް ކުޑަ އަދަދެއް ކަމުގައި ރިޕޯޓުތަކުން ބުނެއެވެ.



