މިއަދުގެ ރީތި ތާރީހުގައި މާލެއިން 59 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.
މިއަދުގެ ތާރީހު (25-5-25) އަކީ، މިއަހަރު އަންނަ ރީތި ތާރީހުތަކުގެ ތެރެއިން އެންމެ ރީތި އެއް ތާރީހެވެ. އެހެންކަމުން މިއަދު ފެމިލީ ކޯޓުން އެކަނިވެސް 59 ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ފެމިލީ ކޯޓުން ބުނީ ސަރުކާރުގެ ރަސްމީ ގަޑީގައި 23 ކައިވެނި، އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
ގިނަ އަދަދެއްގެ ބަޔަކު މިއަދު ކައިވެނި ކުރާތީ، ފެމިލީ ކޯޓުގެ ބޭރުގައި ވަނީ ޓެންޓު ޖަހައި، މީހުންނަށް އިށީންދެވޭނެ ގޮތަށް ގޮނޑިވެސް ޖަހާފައެވެ.
ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ މުޅި ދުނިޔޭގައި ވެސް އެކިކަންކޮޅުތަކުން ގިނަ ބަޔަކު ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެކެވެ. އެގޮތުން ރާއްޖޭގައި ވެސް މިފަދަ ސަގާފަތެއް އަށަގެންފައިވާއިރު މިދިޔަ އަހަރުގެ އެންމެ ފަހު ތީތި ތާރީހު ކަމަށްވާ 24-12-24 ގައި މާލެއިން އެކަނިވެސް 52 ކައިވެނި ކޮށްފައިވެއެވެ.
ކުރީ އަހަރުތަކުގައި ހަފްތާ ބަންދު ދުވަސްތަކުގަިއ ކައިވެނި ނުކޮށްދިން ނަމަވެސް، މިއަހަރު ކައިވެނިކުރަން ބޭނުން ކޮންމެ ދުވަހަކުވެސް އެކަން ކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.




