އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެކަން ކުރައްވާނީ މަޝްވަރާކުރައްވައި، ޕްލޭން ކަނޑައަޅުއްވައިގެން ވަށާޖެހޭގޮތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯއަށް ކުރެއްވި ދެވަނަ ޒިޔާރަތުގައި ދައުލަތުގެ މީޑިއާއަށް ރޭގައި ދެއްވި ބަސްދީގަތުމެއްގައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރެއްވިއެވެ. އަދި ކްރިއޭޓިވް އެކޮނަމީއެއް ޤާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވަޢުދެއްކަން ހާމަކުރައްވަމުން، 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާޢަތް ފުޅާކުރެއްވުމަށް ނިންމަވައި އެކަން އިޢުލާނުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިފަހަރުގެ އެކްސްޕޯއަށް ބަލައިލުމުންވެސް، އޭގެ ކުރިން އެކަން ހާސިލްކުރެވޭނެކަމަށް ބެލެވޭކަމުގައި ރައީސް ވިދާޅުވިއެވެ.
”އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދޭނަން. ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނަން. މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ވަރަށް ކާމިޔާބު މަޢުރަޒެއް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މޯލްޑިވްސް އެކްސްޕޯ 2025 ގެ މަޤްޞަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުސަތު ދިނުންކަމުގައި ފާހަގަކުރައްވައި މިކަން ޙާޞިލްވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވަރަށް ބޮޑު މެދުކެނޑުމަކަށްފަހު އަލުން އެކްސްޕޯ ހުޅުވާލުމަކީ ފެށުމެއްކަމުގައި ވިދާޅުވެ މި ފެށުން ރައްޔިތުން ބަލައިގެންފައިވާ މިންވަރު، އެތަނަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި އަމިއްލަ މުއްސަދިކަމާ، މުޅި ޤައުމުގެ މުއްސަދިކަން ޙާޞިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންފުޅުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު“ ނުވަތަ ”މޯލްޑިވްސް އެކްސްޕޯ“ ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ކެބިނެޓް މިނިސްޓަރުންގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މަޢުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ. މި އެކްސްޕޯ ރައީސް އިފްތިތާހުކޮށްދެއްވީ މިދިޔަ ހުކުރުދުވަހުއެވެ.




