ތަފާތު އެކި ދުވަސްމަތިން ”ފުޑީސް ޑެލިވަރީ“ އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި ”ފުޑީސް ޑެލިވަރީ“ އަށް ފޮނުވާފައި، ސްކޭމް ކުރިކަމުގެ ތުހުމަތަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުޙައްމަދު ހާޝިމް (28އ.) އެވެ. އޭނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



